ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ސްކޫލް ތަކުގައި ހިންގޭ ހިއުމަން ރައިޓްސް ކްލަބް



ތަޢާރަފް


އިންސާނީ ޙައްޤަކީ އިންސާނިއްޔަތަށް ބޭނުންވާ އަސާސީ ކަންކަމެވެ. މިޙައްޤުތަކަކީ ކޮންމެ ތަނެއްގައި އަދި ކޮންމެ މީހަކަށް ވެސް ލިބިދޭން ޖެހޭ ޙައްޤެކެވެ. އެހެންކަމުން ކޮންމެ ފަރުދަކަށްވެސް އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު އެނގިފައި ހުރުމަކީ ވަކި ފަރުދެއްގެ ހައިސިއްޔަތުން އަދި ބަވަނަވީ މުޖުތަމަޢުއެއްގެ ބައިވެރިއެއްގެ ހައިސިއްޔަތުން މުހިއްމުކަމެކެވެ. މިގޮތުން އިންސާނީ ޙައްޤުތަކަކީ ކޮބާ ކަމާއި ޙައްޤު ތަކާއި ވިދިގެން އަންނަ ޒިންމާތަކަކީ ކޮބައިކަން ކިޔަވާ ކުދިންނަށް ވެސް އެނގިގެން ދިއުމަކީ އަމާން އަދި ސުލްޙަވެރި މުޖުތަމައެއްގެ ބިންގަލެއްކަމަށް ވެގެން ދާނެއެވެ. ދަރިވަރުންނަށް އެންމެ ތުއްތު އިރުން ފެށިގެން އެކުދިންގެ ޙައްޤު ތަކަކީ ކޮބައި ކަމާއި އަދި އެހެން މީހުން ގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމުގެ މުހިންމުކަމުގެ މަޢުލޫމާތު ދީ އިންސާނީ ޙައްޤުތަކަށް އަޙުލުވެރިކުރުވުމުން، އެކުދިންނަކީ އިންސާނީ ޙައްޤުތަކާއި ގުޅިގެން އަންނަ ޒިންމާތައް އަދާ ކުރާ ބަޔަކަށް ވެގެން ދާނެއެވެ. ސްކޫލް ކުދިން އިންސާނީ ޙައްޤަށް އަހުލުވެރިކުރުވާ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ އަމަލީ މަސައްކަތުގައި އުޅުމުން އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަޤާފަތެއް މުޖުތަމަޢުގައި އުފެދިގެން ދާނެއެވެ.

މިގޮތުން އިންސާނީ ޙައްޤުތައް ކިޔަވާކުދިންނަށް އަންގައިދީ އަހުލުވެރި ކުރުވުމުގެ ގޮތުން ސްކޫލްތަކުގައި ހިއުމަން ރައިޓްސް ކްލަބްތަކެއް ގާއިމު ކުރަން ވަނީ ނިންމަވާފައެވެ. މިކްލަބްތައް ހިންގާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެއްބާރުލުމާއި ޔުނިސްފްގެ އެހީތެރިކަމާއެކުއެވެ.



ހިއުމަން ރައިޓްސް ކްލަބްގެ މަޤުޞަދުތައް


ކްލަބްގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް:

  • އިންސާނީ ޙައްޤުތަކަކީ ކޮބައިކަން އެނގުން

  • އިންސާނީ ޙައްޤުތަކާއި ގުޅިގެން އަންނަ ޒިންމާތަކަކީ ކޮބައިކަން އެނގުން

  • އިންސާނީ ޙައްޤުތަކުގެ ފެށުން އައިގޮތް އެނގުން

  • އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޘަޤާފަތެއް ދަރިވަރުންގެ މެދުގައި އުފެދުން

  • އެހެން މީހުންގެ ޙައްޤުތައް ދެނެގަނެ އެޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ރޫޙް އަށަގަތުން

  • އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރު އަދި އެހެނިހެން ހިއުމަން ރައިޓްސްގެ މުއާހަދާތަކާއި އަދި އޭގެ މުހިންމުކަން ދެނެގަތުން

  • ޤާނޫނީގޮތުންނާއި ސުލޫކީ ގޮތުން އިންސާނީ ޙައްޤު ލިއްބައިދޭގޮތް ދެނެގަތުން

  • ދިވެހި ޤާނޫނު އަދި މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ލިބިދޭގޮތް އެނގުން

  • ކިޔަވާ ކުދިންނަށް ލިބިގެންވާ ޙައްޤުތަކަކީ ކޮބައިކަމާއި ޒިންމާތަކަކީ ކޮބައިކަން އަންގައިދީ ދިރިއުޅުމުގައި ބޭނުންކުރަން ދަސްވުން

  • ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރާ މަސައްކަތަކީ ކޮބައިކަން އަދި މިކޮމިޝަނަށް މައްސަލަ ހުށައެޅޭގޮތާއި މަސައްކަތްތައް ކުރިއަށް ދާގޮތް ދަރިވަރުންނަށް އެނގުން

  • ދަރިވަރުންނަށް ދިމާވާ މައްސަލަތަކުގައި މުޢާމަލާތް ކުރާނެ ރަގަޅު ގޮތްތައް އެނގުން

  • ރިވެތި ދިރި އުޅުމަކަށް ބޭނުންވާނެ ޞުލޫކީ މިންގަނޑު ތަކަކާއި ސިފަތައް ކުދިންގެ ކިބައިގާ އަށަގަތުން: މިގޮތުން ކްލަބްގައި ދަސްކޮށްދޭ ސިފަތަކުގެ ތެރޭގައި، ކަންކަމުގައި ތަހައްމަލު ކުރުން، ކަންކަން ނިންމުމުގައި ވާހަކަ ދެއްކުމުގެ ރީތި ޢުޞޫލު ގެންގުޅުމާއި، އަމިއްލަ ނަފްސަށާއި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމާއި، މުޖުތަމަޢުގައި ދިރިއުޅޭ އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި ހެދިފައި ހުންނަ ޤާނޫނާއި ގާވާއިދު ތަކަށް ބޯލެނބުުމުގެ މުހިއްމު ކަމާއި، ތަފާތު ބަލައިގަތުމާއެކު އެތަފާތުތަކަށް އިޙްރާމް ކުރުމާއި، މުޖުތަމަޢުގެ އަމަން އަމާން ކަމަށް މަސައްކަތް ކުރުމާއި ރައްޓެހިކަން ބަދަހި ކުރުމާއި، އަދުލު އިންސާފަށް ލޯބި ކުރުމާއި، އަޑުއެހުމާއި ހިޔާލުތަފާތުވުންތަކުގައިވެސް އެހެން މީހުންގެ ހިޔާލުތައް ބަލައި ގަތުމާއި އިޙްތިރާމް ކުރުން، އަދި އެހެންމީހުންނަށް ހަމްދަރުދީ ވުން ފަދަ ކަންތައް ހިމެނެއެވެ.



އިންސާނީ ޙައްޤުތަކާ ބެހޭ ކްލަބްތައް ގާއިމު ކުރުމުގެ ގޮތުން ކޮމިޝަނުން ރާވާފައިވާ ކަންތައްތައް


  • ކްލަބް ހިންގުމަށް ސްކޫލް ތަކުން ހަވާލުވެ ހުންނަވާ ޓީޗަރުންނަށް އިންސާނީ ޙައްޤުތަކާ ބެހޭގޮތުން މާއުލޫމާތު ދިނުމަށް ވޯކްޝޮޕް ބޭއްވުން

  • ރާއްޖޭގެ ގިނަ ސްކޫލް ތަކެއްގައި ކްލަބްގެ ހަރަކާތައް ފެށުމުގެ ގޮތުން ޓީ.އާރް. ސީ ކޯޑިނޭޓަރސް އަށް އަމާޒު ކޮށްގެން އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ޓްރެއިނާސް އޮފް ޓްރެއިނާސް ވާރކްޝޮޕް އެއް ހިންގުން

  • ކްލަބްގައި ގެންދެވޭނެ ހަރަކާތް އެކުލަވާލާފައިވާ ޓީޗަރުންގެ މެނުއަލްއެއް ތައްޔާރުކޮށް ސްކޫލްތަކަށް ފޯރުކޯށްދިނުން

  • ސްކޫލްތަކުގެ ކްލަބްގެ ހަރަކާތްތަކާއި އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު އެކުލަވާލާފައިވާ ބްލޮގްއެއް ކޮމިޝަންގެ ވެބް ސައިޓްގައި އެކުލަވާލުން

  • ބައެއް ސްކޫލަތަކުގެ ހިއުމަން ރައިޓްސް ކްލަބް ތައް ހިނގާގޮތް ބަލާ މޮނިޓަކުރުން

  • ސްކޫލްގެ ބެލެނިވެރިންނަށާއި ޓީޗަރުންނަށް އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަން ތަކެއް ބޭއްވުން



ހިއުމަން ރައިޓްސް ކްލަބް މެނުއަލް




ޔަންގް ހިއުމަން ރައިޓްސް ޑިފެންޑާސް ހޭންޑް ބުކް