އިންސާނީ ޙައްޤުތައް ދެނެގަންނަމާ!


1. އިންސާނީ ޙައްޤަކީ ކޮބާ؟
2. އިންސާނީ ޙައްޤު ތަކުގެ މުޙިއްމު ސިފަތަކަކީ ކޮބާ؟
3. އިންސާނީ ޙައްޤުތައް ތަޢާރަފްވެފައި ވަނީ ކިހިނެއް؟
4. ތަފާތު އެކި ވައްތަރުގެ އިންސާނީ ޙައްޤުތައް ހިމެނިގެން ވޭތަ؟
5. އިންސާނީ ޙައްޤު ތަކުގެ މިންގަޑުތަކަކީ ކޮބާ؟
6. އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ކޮންފަރާތަކުން؟
7. އިންސާނީ ޙައްޤު ތައް މުހިންމު ވަނީ ކީއްވެ؟
8. ބައެއް އިންސާނީ ޙައްޤުތަކަކީ އަނެއް ބައި ޙައްޤު ތަކަށް ވުރެ ވަކި މުޙިންމު ޙައްޤުތަކެއްތަ؟
9. ފަރުދެއްގެ އިންސާނީ ޙައްޤެއް ނިގުޅައި ގަނެވި ދާނެތަ؟
10. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރެވެނީ ކިހިނެއް؟
11. އިންސާނީ ޙައްޤުތައް ކުރިއަރުވާނީ ކިހިނެއް؟
12. އިންސާނީ ޙައްޤުތަކުގެ ބައެއް މިސާލުތަކަކީ ކޮބާ؟



1. އިންސާނީ ޙައްޤަކީ ކޮބާ؟


  • "އިންސާނެއްގެ ދިރިއުޅުމަށް ބޭނުންވާ، ހުރިހާ އިންސާނުންނަށް ހަމަހަމަ ކަމާއެކު، އެއްވެސް ތަފާތު ކުރުމެއް ނެތި، ލިބިދޭން ޖެހޭ ޟަރޫރީ ޙައްޤުތަކެއް"
  • އިންސާނީ ޙައްޤުތަކަކީ ކަރާމާތްތެރި މީހެއްގެ ގޮތުގައި ދިރިއުޅުމަށްޓަކައި އިންސާނާއަށް ލިބެންވާ ކަންތައްތަކެވެ. ނުވަތަ އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ލިބެންޖެހޭ ކަންތައްތަކަކާއި ފުދެންޖެހޭ ބޭނުންތަކެކެވެ.
  • ކޮންމެ އިންސާނަކީ ގަދަރުވެރި މީހެކެވެ. މިގަދަރު ކޮންމެ އިންސާނަކަށް ވެސް ލިބިގެން ދަނީ އިންސާނީ ޙައްޤުތަކަށް ހުރުމަށް ތެރިކޮށް ހިތައިގެންނެވެ.
  • އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމުން ހުރިހާ ފަރުދުންނަށް ހަމަހަމަކަން ލިބިގެންދެއެވެ.
  • ޤާނޫން އަސާސީ ގައި ބަޔާން ކޮށްފައިވާ ޙައްޤެއް އެއްވެސް ފަރުދެއްގެ ކިބައިން ނިގުޅައިގެންފިނަމަ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ކޮންމެ ފަރުދަކަށް ވެސް ލިބިގެން ވެއެވެ.

2. އިންސާނީ ޙައްޤު ތަކުގެ މުޙިއްމު ސިފަތަކަކީ ކޮބާ؟


  • އިންސާނީ ޙައްޤުތަކަކީ ކޮންމެ ފަރުދަކަށްވެސް އިންސާނަކަށް ވީތީ ލިބިގެންވާ ޙައްޤުތަކެކެވެ.
  • އިންސާނީ ޙައްޤަކީ އިންސާނެއްގެ ކިބައިން ވަކި ކުރެވޭނެ ޙައްޤެއްނޫނެވެ. ސަރުކާރަކުންވެސް ފަރުދެއްގެ އިންސާނީ ޙައްޤެއް ނިގުޅައެއް ނުގަނެވޭނެއެވެ.
  • އިންސާނީ ޙައްޤު ތަކަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ އިންސާނުންނަށް ހަމަހަމަ ގޮތެއްގައި ލިބިގެންވާ ޙައްޤުތަކެކެވެ. އެމީހެއްގެ ނަސްލު، ޖިންސް، ދަރިފަސްކޮޅު، ނިސްބަތްވާ ޤައުމު، މާލީހާލަތު އަދި މިނޫންއެއްވެސް ތަފާތުކުރުމެއް ނެތިއެވެ.
  • އެއްޙައްޤަކީ އަނެއްޙައްޤަށް ވުރެ ބޮޑު އަހައްމިއްޔަތެއް ދެވިގެންވާ އެއްޗެއްނޫނެވެ.
  • ކޮންމެ ޙައްޤަކީ ވެސް އޭގެ ޒާތުގައި މިނިވަން ޙައްޤެކެވެ.
  • އިންސާނީ ޙައްޤުތައްވަނީ ބައިނަލްއަޤްވަމީ ގޮތުން ކަށަވަރުކޮށްދީފައެވެ.

3. އިންސާނީ ޙައްޤުތައް ތަޢާރަފްވެފައި ވަނީ ކިހިނެއް؟


  • އިސްލާމް ދީން އައުމާއެކު އިންސާނީ ޙައްޤުތައް ވަނީ ތަޢާރަފް ވެފައެވެ.

  • އިންސާނީ ޙައްޤުތަކަކީ މާތްﷲ އިންސާނުން ހައްދަވައި ފޮނުއްވި ދުވަހުން ފެށިގެން ކޮންމެ އިންސާނަކަށްމެ ދެއްވުމަށް ކަނޑައަޅުއްވާފައިވާ އެއްޗެކެވެ.
  • އިންސާނީ ޙައްޤުތައް މުޅި ދުނިޔެއަށް އާއްމުވެ އެންމެންގެ ސަމާލުކަމަށް އައިސްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ އިޙްސާސްކުރަމުން ދިޔަ ލާއިންސާނީ ކަންތައްތަކެއްގެ ސަބަބުންނެވެ.
  • އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު ގައި އަސާސީ ޙައްޤުތައް ހިމެނިގެންވެއެވެ. މީގެ ތެރޭގައި ހިމެނޭ ޙައްޤުތަކުގެ ތެރޭގައި ދިރިއުޅުމާއި ސަލާމަތްކަން ލިބިގަތުމުގެ ޙައްޤު، އަނިޔާ ކުރުމާއި ލާއިންސާނީ ޢަމަލުތަކުން އެއްކިބާވުމުގެ މިނިވަންކަން، އަޅުވެތިނުވެ ހުރުމުގެ މިނިވަންކަން، ޝަރީޢަތުން ޤާނޫނީ އިންސާފު ލިބުމުގެ ޙައްޤު، ތަޢުލީމް ލިބުމުގެ ޙައްޤު، މަސައްކަތް ކުރުމުގެ ޙައްޤު ހިމެނެއެވެ.


4. ތަފާތު އެކި ވައްތަރުގެ އިންސާނީ ޙައްޤުތައް ހިމެނިގެން ވޭތަ؟


  • އިންސާނީ ޙައްޤުތައް އެކުލަވާލެވިފައިވަނީ އިންސާނާގެ ދިރިއުޅުމުގައިވާ ހުރިހާ ކަންތައްތަކެއް ހިމެނިގެންނެވެ.
  • މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ތެރޭގައި ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަނިޔާކުރުމާއި ލާއިންސާނީ ޢަމަލުތަކުން އެއްކިބާވުމުގެ މިނިވަންކަން ހިމެނެއެވެ.
  • އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤު ތަކުގެ ތެރޭގައި ތަޢުލީމް ލިބުމުގެ ޙައްޤާއި ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމުގެ ޙައްޤު ހިމެނެއެވެ.
  • ބައެއް ޙައްޤުތައް އަމާޒު ކުރެވިފައިވަނީ ވަކިވަކި ފަރުދުން ނަށެވެ. އަނެއް ބައި ޙައްޤުތައް އަމާޒު ކުރެވިފައި ވަނީ ވަކިވަކި ގުރޫޕަކަށް ނިސްބަތްވާ ފަރުދުންނަށެވެ. މީގެ ތެރޭގައި ކުޑަ ކުއްޖަކަށް ވީތީ ލިބެންވާ ޙައްޤު ތަކާއި އަންހެނަކަށް ވީތީ ލިބެންވާ ޙައްޤުތައް ހިމެނެއެވެ.
  • އިންސާނީ ޙައްޤުތަކުގެ އެންމެ މުހިއްމު އެއް ސިފައަކީ މި ޙައްޤު ތަކަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ފަރުދުންނަށް ހަމަހަމަ ގޮތެއްގައި ލިއްބާދޭން ޖެހޭ ޙައްޤުތަކެކެވެ.

5. އިންސާނީ ޙައްޤު ތަކުގެ މިންގަޑުތަކަކީ ކޮބާ؟


  • 10 ޑިސެމްބަރު 1948 ވަނަ އަހަރު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތައް އެއްބަސް ވެގެން އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު ވަނީ އެކުލަވާ ލާފައެވެ.
  • މި ޢާއްމު ޤަރާރުގެ ދަށުން ހުރިހާ ފަރުދުންނަށް އަސާސީ ޙައްޤުތަކެއް ލިއްބައިދެއެވެ.
  • މި ޤަރާރު އެކުލަވާލުމަށް ފަހު އިންސާނީ ޙައްޤުތައް ހިމެނޭ ގޮތަށް ޤާނޫނު ތަކެއް ހެދި މުޢާހަދާ ތަކެއް ވަނީ ހެދިފައެވެ.
  • މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ދެ މުޢާހަދާ އަކީ މަދަނީ އަދި ސިޔާސީ ޙައްޤުތައް ހިމެނޭ މުޢާހަދާއާއި އިޤްދިސާދީ، ޢިޖްތިމާއީ އަދި ޘަޤާފީ ޙައްޤުތައް ހިމެނޭ މުޢާހަދާއެވެ.
ީ



6. އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ކޮންފަރާތަކުން؟


  • އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާނީ އެ ޤައުމެއްގެ ސަރުކާރުންނެވެ.

  • މި ޙައްޤުތައް ލިބިދިނުމަށްޓަކައި ސަރުކާރުން ޤާނޫނާއި ޤަވާއިދުތައް އެކުލަވާލާ ރައްޔިތުންނަށް އެޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލަންޖެހެއެވެ.
  • އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން މަސައްކަތްކުރާ އަމިއްލަ މަދަނީ ޖަމިއްޔާތައް ވެސް އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހެވެ.

ީ



7. އިންސާނީ ޙައްޤު ތައް މުހިންމު ވަނީ ކީއްވެ؟


  • އިންސާނީ ޙައްޤުތަކަކީ މުޖްތަމަޢުގައި ދިރިއުޅެމުންދާއިރު އެއް ފަރުދަކު އަނެއްފަރުދެއްގެ ގުޅުމުގައި ވަރަށް މުޙިންމު ރޯލެއް އަދާކުރާއެއްޗެކެވެ.
  • އާއިލާތެރޭގައި، ސްކޫލްގައި، ވަޒީފާ އަދާކުރާތަނުގައި، ސިޔާސީ ކަންކަމުގައި އަދި ބައިނަލް އަޤްވާމީ ގުޅުން ތަކުގައި އިންސާނީ ޙައްޤުތައް ވަރަށް މުޙިންމު ރޯލެއް އަދާކުރެއެވެ.
  • އިންސާނީ ޙައްޤުތައް ދަސްވެ އެނގުމުން މުޖްތަމަޢުގައި ޖެހޭ ކުދިކުދި މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެ އެކަކުއެނަކަކަށް އިޙްތިރާމްކުރުމުގެ ރޫޙު އާލާވެ ހަމަހަމަ ބައެއްގެ ގޮތުގައި ދެކުމަށް މަގުފަހިވެގެންދެއެވެ. އިންސާނީ ޙައްޤުތަކަށް ހުރުމަށްތެރިކޮށް ހިތުމުން ސުލްޙަވެރި މުޖްތަމަޢުއެއް އުފެދިގެންދާނެއެވެ.
  • މިހެން ވުމުގެ ސަބަބުން ކޮންމެ ފަރުދަކުވެސް އިންސާނީ ޙައްޤުތަކަކީ ކޮބައި ކަން ދަސްކުރުމަކީ އަދުލު އިންސާފު ޤާއިމް ކުރުމަށާއި ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާ ކުރުމަށްޓަކައި ވަރަށް މުޙިންމު ކަމެކެވެ.
ީ



8. ބައެއް އިންސާނީ ޙައްޤުތަކަކީ އަނެއް ބައި ޙައްޤު ތަކަށް ވުރެ ވަކި މުޙިންމު ޙައްޤުތަކެއްތަ؟


  • ވޭތުވެތިޔަ ޤަރުނުގެ ތެރޭގައި އ.ދ ގެ ގިނަ ޤައުމު ތަކުން ވަނީ ހުރިހާ އިންސާނީ ޙައްޤު ތަކަކީ އެއްވަރެއްގެ އަހަތްމިއްޔަތެއް ދެވޭނެ ޙައްޤުތަކެއް ކަމުގައި އެއްބަސް ވެފައެވެ.
  • އަދި ހުރިހާ އިންސާނީ ޙައްޤު ތަކަކީ ހަމަހަމަ ގޮތެއްގައި ރަގަޅު މުޖްތަމަޢުއެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ޙައްޤުތަކެކެވެ.
ީ



9. ފަރުދެއްގެ އިންސާނީ ޙައްޤެއް ނިގުޅައި ގަނެވި ދާނެތަ؟


  • ފަރުދެއްގެ އިންސާނީ ޙައްޤެއް ނިގުޅެއް ނުގަނެވޭނެއެވެ. އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރުގެ އެންމެ ފަހު މާއްދާ ގައި ބަޔާންކޮށްފައިވާ ފަދައިން ސަރުކާރުން ވިއަސް އެހެން ފަރާތަކުން ވިއަސް މި ޤަރާރުގައި ހިމެނިފައިވާ ޙައްޤުތަކަށް އުނިކަންލިބޭފަދަ ޢަމަލެއް ކޮންގެން ނުވާނެއެވެ.
  • އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރާއި މުޢާހަދާތަކަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. ގިނަ ޤައުމުތަކުން ވަނީ އިންސާނީ ޙައްޤުތައް އެބައި މީހުންގެ ޤާނޫނު އަސާސީ ގައި ހިމަނާފައެވެ. މިހެން ވުމުގެ ސަބަބުން ކޮންމެ ފަރުދަކަށް ވެސް އެމީހެއްގެ ޙައްޤެއް ނިގުޅައިގެންފި ކަމަށް ހީވެއްޖެ ހާލަތެއްގައި ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ.
ީ



10. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރެވެނީ ކިހިނެއް؟


  • އިސްލާމީ ޝަރީއަތާއި ޙިލާފު ނުވާ ޙައްޤުތައް ކޮންމެ ފަރުދަކަށްވެސް ލިބިގެންވެއެވެ
  • ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ "އަސާސީ ޙައްޤުތަކާއި މިނިވަންކަން" މިބާބުގައި ހިމަނާފައިވާ ޙައްޤުތައް ކޮންމެ ފަރުދަކަށްވެސް ލިބިގެންވެއެވެ.
  • ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުޢާހަދާ ތަކުގައި ހިމެނިފައިވާ ޙައްޤުތައް ކޮންމެ ފަރުދަކަށްވެސް ލިބިގެންވެއެވެ.
ީ



11. އިންސާނީ ޙައްޤުތައް ކުރިއަރުވާނީ ކިހިނެއް؟


އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ.

  • އިންސާނީ ޙައްޤުތަކާއި ބެހޭ ގޮތުން އާންމު ފަރުދުން ހޭލުންތެރި ކުރުވުން
  • ޤާނޫނު އަސާސީގައި އިންސާނީ ޙައްޤުތަކަށް ހުރުމަށްތެރިކޮށް ހިތިފައިވުން
  • އިންސާނީ ޙައްޤަކާއި ޙިލާފް އަމަލެއް ހިގާކަން އިނގޭނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުން
  • އިންސާނީ ޙައްޤާއި ބެހޭ މަޢުލޫމާތު ސްކޫލު ކުދިންނަށް އަންގައިދިނުން
ީ



12. އިންސާނީ ޙައްޤުތަކުގެ ބައެއް މިސާލުތަކަކީ ކޮބާ؟


  • މިނިވަންކަމާ ހަމަހަމަކަމުގެ ޙައްޤު
  • އަޅުވެތި ނުވެހުރުމުގެ ޙައްޤު
  • ދިރިއުޅުމާއި ސަލާމަތްކަން ލިބިގަތުމުގެ މިނިވަންކަން
  • ޤާނޫނުކުރިމަތީގައި ހަމަހަމަކަން ލިބުމުގެ ޙައްޤު
  • އަމިއްލަ މުދަލާއި ޢާއިލާގެ މިނިވަންކަން
  • ޞުލްޙަވެރިކޮށް އެއްވެއުޅުމާއި ޖަމާޢަތް ހެދުމުގެ ޙައްޤު
  • ޙިޔާލު ފައުޅުކުރުމާއި މަޢުލޫމާތުގެ މިނިވަންކަން
  • ތަޢުލީމް ލިބުމުގެ ޙައްޤު