ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަސް 2011
މެޕު ބެއްލެވުމަށް ކްލިކްކުރަށްވާ
ދުވަސް ފާހަގަކުރުން:
19 ނޮވެމްބަރ އަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ ސަރުކާރުގެ މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި ޢާންމުންގެ މެދުގައި ކުޑަކުދިންގެ ޙައްޤުތަކަށް ދޭ ސަމާލުކަން އިތުރުކޮށް، ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންނަށް ކުރެވޭ އަނިޔާއާ މެދު ހޭލުންތެރިކަން އިތުރުކޮށް އެކަމާ ދެކޮޅަށް މަސައްކަތްކުރުމެވެ.
"ކޮންމެ އިޙުމާލަކީ އަނިޔާއެއް"
ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން 2010 ގައި ފަށާފައިވާ "ކޮންމެ އިހުމާލަކީ އަނިޔާއެއް" މި ކެމްޕެއިންގެ ތެރެއިން ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ.
ހިންގޭ ޙަރަކާތްތައް
ރައިޓްސް ކޭންޕް – ކުޑަ ކުދިންގެ ހަވާރެއް ބޭއްވުން
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަ ކުދިންނަށް އަމާޒުކޮށްގެން ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހަވީރު ބޭއްވުމުގެ އަމާޒަކީ، ކުޑަ ކުދިންގެ ޙައްޤުތައް ކުދިންނަށާއި ބެލެނިވެރިންނަށް އަންގައިދިނުމެވެ. އަދި އިހުމާލުވުމަކީ ކޮބައިކަމާއި، އިހުމާލުން ކުދިންނަށްވާ ނޭދެވޭ އަސަރުތައް އަންގައިދިނުމަށެވެ.
މިހަވީރުގައި ކުޑަ ކުދިންނަށް އަމާޒުކޮށްގެން އެކިއެކި ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ބޭއްވޭ ތަން: ސަލްޓަން ޕާކް، މާލެ
ގަޑި: 16:00 – 18:00
މިހަވީރު ހިއުމަން ރައިޓްސް ކޮމިޝަންއިން ބާއްވަނީ ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއި އެކުއެވެ. މިއިވެންޓްގެ ބައިވެރިންނަކީ؛
- މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ
- މިނިސްޓްރީ އޮފް އެޑިއުކޭޝަން
- މޯލްޑިވްސް ޕޮލިސް ސަރވިސް
- އާކް (އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން)
- ޓައިނީ ހާޓްސް
- ކެޕްސް
- ކެއަރ ސޮސައިޓީ
- މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
- މޯލްޑިވްސް ރެޑް ކްރެސެންޓް
- ވަތަނިއްޔާ
ދުވަހާއި ގުޅޭ ރިޕޯޓް:
ކުޑަކުދިންނަށް ޚާއްސަ ރައްކާތެރިކަމާ އަޅާލުން ހޯދަދެމާ!
ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަން ވަނީ ފިތުރަތުގެ ސާފު ކަމާއެކެގައެވެ. އެކުޑަކުއްޖާ މަންމަގެ ބަނޑުތެރޭގައި ތެރޭގައި 9 މަސް ވަންދެން އޮންނަނީ ވަރަށް ވެސް ރައްކާތެރި ކަމާއެކުގައެވެ. ގުދުރަތުގެ ނިޒާމްގައި އެކަން ބައްޓަން ވެފައި އޮންނަނީ ވަރަށް ފުރިހަމަ ރައްކާތެރިކަން ކުއްޖާއަށް ލިބިދެވޭނެ ގޮތެއްގައެވެ. ކުޑަދަރިފުޅު ދުނިޔެއަށް ނޭވާލަނީ އެރައްކާތެރިކަމާ ލޯތްބާއި އަޅާލުން ދުނިޔެއަށް އައުމުންވެސް މައިން ބަފައިންނާ އެހެންމީހުންގެ ފަރާތުން ލިބުމުގެ އެއްމީދުގައެވެ. ރައްކާ ތެރިކަމާ އަމާން ތަނަކަށް އެކުއްޖާ އުޅޭ މާހައުލު ވާނެ ކަމުގެ އުއްމީދުގައެވެ. އެހެން ކަމުން ފިތުރަތުގެ ސާފުކަންމަތީގައި އެކުދިންނަށް ރައްކާތެރިކަމާއި، ލޯތްބާއި، ކުލުނު ދީގެން ހެޔޮގޮތުގައި އެކުދިން ތަރުބިއްޔަތު ކުރުމަކީ މައިން ބަފައިންނާއި މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ.
ނަމަވެސް މިހާރަކަށް އައިސް މިމުޖުތަމައުން އިވޭ އަޑުތަކާއި ފެންނަ މަންޒަރު ވަރަށް ވެސް ތަފާތެވެ. ކުއްޖާއަށް ރައްކާތެރިކަން ހޯދަދިނުމުގެ އެންމެ ބޮޑު މަސްއޫލިޔަތު ކޮނޑުގައި އެޅިފައިވާ ނުވަތަ އެފަރާތަކަށް އެ ދަރިފުޅު އެންމެ ބޮޑަށް ބަރޯސާވެ އިތުބާރު ކުރާ ފަރާތް ތަކުގެ ޝިކާރައަކަށް އެކުދިން ވެގެންދާ އަޑުތަކާއި މަންޒަރެވެ. ނުވަތަ ކޮންމެ ވެސް ސަބަބަކާ ހުރެ ދަރިފުޅަށް ދޭންވާ ސަމާލުކަން ނުދެވިގެން ނުވަތަ ޒިންމާތަކަށް އިހުމާލުވުމުގެ ސަބަބުން ކުއްޖާއަށް ލިބޭ ނިކަމެތިކަން ނުވަތަ ގެއްލުމުގެ ވާހަކަ ތަކާއި އަޑުތަކެވެ. ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. މިފަދަ ނުރައްކަލުން ކުޑަކުދިން ސަލާމަތް ކޮށް އެކުދިންގެ ޙައްޤުތަކަށް ޚާއްސަ ސަމާލުކަމެއްދީ އެޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ މައިން ބަފައިންނާއި، ބަލެނިވެރިންނާއި، މަދައްރިސުންނާއި، މުޅި މުޖުތަމަޢުގެވެސް ޒިންމާއެކެވެ.
ކުޑަކުދިންނަކީ މުޖުތަމަޢެއްގައި ހިމެނޭ އެންމެ ނާޒުކު އެއްބައެވެ. އެކުދިންނަކީ އެކުދިންގެ ޒަރޫރީ ބެނުންތައް ފުއްދުމަށް އެހެން މީހުންގެ އެހީއަށް ބޭނުންވާ ބައެކެވެ. ދަރިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ލޯތްބާ އަޅާލުން ދިނުމަކީ ކުދިން ހެޔޮގޮތުގައި ހެދި ބޮޑުވުމަށް ވަރަށް މުހިއްމު ކަމެކެވެ.
ކުޑަކުދިނަށް ކުރާ އަނިޔާތައް ހުއްޓުވާ އެކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ބައިނަލް އަޤްވަމީ މުޢާހަދާއެއް އެކުލަވާލެވި 1990 ގައި މިމުޢާހަދާއަށް ދުނިޔޭގެ ޤައުމުތަކުން ވަނީ ޢަމަލު ކުރަން ފަށާފައެވެ. އަދި 11 ފެބްރުއަރީ 1991 ގައި ދިވެހިރާއްޖެއިންވެސް ވަނީ މިމުޢާހަދާ ތަޞަދީޤްކޮށްފައެވެ. އެހެން ކަމުން މުޢާހަދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކުޑަކުދިންނަށް ފޯރުކޮށް ދިނުމަށްޓަކައި އެކަށޭނަ ފިޔަވަޅުތަކެއް އަޅާ ކުޑަކުދިން ނަށް އެންމެ ރައްކާތެރި ވެއްޓެއް ޤާއިމު ކުރުމަށް މަސައްކަތް ކުރުމަކީ މުޅި މުޖުތަމަޢުގެ އަދި ދަޢުލަތުގެވެސް ޒިންމާއެކެވެ.
-ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި މައިން ބަފައިންގެ ރޯލު.
-ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި ޓީޗަރުންގެ ރޯލު
-ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި މުޖުތަމައުގެ ވަކިފަރުދުންގެ ރޯލު
-ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި ދައުލަތުގެ ރޯލު
ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި މައިން ބަފައިންގެ ރޯލު.
ދަރިން ތަރުބިއްޔަތުކުރުމުގެ ބޮޑު އަދި މާތް މަސްޢޫލިއަތު ނުވަތަ ޒިންމާ ކޮނޑުގައެޅިފައިވާ އެއްމެ އިސް އެއްބަޔަކީ މައިން ބަފައިންނެވެ. މައިން ބަފައިން ކުދިންނަށްވާ ކޮންމެ އިހުމާލަކީ އާޚިރުގައި އެކަމާމެދު ސުވާލު ކުރެވޭނެ ކަންތަކެވެ. ވީމާ މި މާތް، ބުރަ ޒިންމާ އުފުލުމުގައި ކޮންމެ ބެލެނިވެރިއަކުވެސް ސަމާލުވެ ފަރުވާ ތެރިވާން ވާނެއެވެ. މައިން ބަފައިންގެ ފަރާތުން ކުއްޖާ އަށް ލިބެން ޖެހޭ އޯގާތެރިކަމާ ކުއްޖާއަށް ރައްކާތެރިކަމާ ރަގަޅު ތަރުބިއްޔަތެއް ހޯދުމުގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
-ދަރިން ހޯދަނީ ތިމާ ބޭނުން ވެގެން ކަމުގައި ވާންޖެހެއެވެ. މިގޮތުން ދަރިން ހޯދުމުގައި ރަގަޅަށް ތައްޔާރުވެ، އެ ދަރިފުޅަށް ދޭންވާ ސަމާލުކަމާ، ރައްކާތެރިކަން ދެވޭނެ ގޮތެއް ހޯދާ ޕްލޭން ކުރެވެންވާނެއެވެ. އަދި ހަމައެހެންމެ ދަރިން ތަރުބިއްޔަތު ކުރާނެ ރަގަޅު ގޮތްތައް ދެނެގަނެ އެކަމުގެ މައުލޫމާތު ރަގަޅަށް ހޯދާ އެކަމަށް އަހުލުވެރިވުމުން ކުއްޖާއަށް ރަގަޅު ތަރުބިއްޔަތެއް ދިނުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން ދަރިފުޅަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމާއި އެފަދަ ފޯރުން ތެރިކަން ނެއްހާލަތެއްގައި ދައުލަތުގެ ފަރާތުން އިޖްތިމާޢީ ރައްކާތެރިކަން ހޯދުމާއި ކުޑަކުދިންގެ ޙައްޤުތައް ދެނެގަނެ އެޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ވެސް ކުއްޖާއަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކުރުން މުހިއްމު ކަމެކެވެ.
- ކުދިންދެކެ މައިންބަފައިން ލޯބިވާކަން އަންގައިދީ، ގާތް ގުޅުމެއް އެކުދިންނާ އެކު އުފެއްދުމަކީ ކުއްޖއަށް އިތުރު ސަލާމަތާއި ރައްކާތެރިކަން ލިބިދެވޭކަމުގެ އިޙްސާސް ކުރެވޭނެ ކަމެކެވެ. މިގޮތުން ކުޑަކުދިން ދައްކާ ވާހަކަތައް އަޑު އެހުމާއި ޙާއްސަ ގޮތެއްގައި ކުދިންގެ ރައްކާތެރި ކަމާ ގުޅުން ހުރި ވާހަކައެއް ދައްކާނަމަ އެފަދަ ކަންކަމުގެ ޙަޤީޤަތް ހޯދާ އެކަމުން ކުއްޖާ ސަލާމަތްކުރުމަކީ ކުއްޖާއަށް ރައްކާތެރިކަން ލިބިގެން ދާނެ ކަމެކެވެ. އެހެން ކަމުން މިފަދަގާތް ގުޅުމެއް ކުދިންނާއި އެކު ޤާއިމްކުރުމަކީ މުހިއްމު ކަމެކެވެ.
- ތިމާގެ ޖަޒުބާތުތަކަކީ ތިމާގެ ޢަމަލުތަކާ ގުޅުން ހުރި ކަންތައްތަކެވެ. އެހެން ކަމުން ތިމާގެ ރުޅި އަދި އެހެނިހެން ޖަޒުބާތުތައް ކޮންޓްރޯލް ކުރުން މުހިއްމުވެއެވެ. މިގޮތައް ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އެގުމުން ރުޅި އަންނަ ކޮންމެ ހިދެއްގައި ދަރިފުޅު ޝިކާރައަކަށް ވެގެން ނުދާނެއެވެ.
- މީގެ އިތުރުންވެސް ކުޑަކުއްޖަކަށް އެއްވެސް ފަރާތެއްގެ ސަބަބުން ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބޭނަމަ އެކަން ސިއްރު ނުކޮށް އަންގަންވާ ފަރާތް ތަކަށް އެންގުންމަކީ ކުޑަކުދިންނަށްވާ އެންމެހާ އަނިޔާތަކުން ކުއްޖާ ރައްކާތެރި ކުރުމަށް އެޅިގެން ދާނެ ވަރަށް ބޮޑު ފިޔަވަޅެކެވެ.
ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި ޓީޗަރުންގެ ރޯލު
ޓީޗަރުންނަކީ މައިން ބަފައިން ފިޔަވައި ކުއްޖާ އެންމެ ގިނަވަގުތު ހޭދަކުރާ އަދި ކުދިން އެބަޔަކަށް ވަރަށް އިތުބާރު ކުރާ އަދި ގާތް ބައެއްކަމުގައި ދެކޭ ފަރާތެކެވެ. އެހެންކަމުން ކުއްޖާއަށް ރައްކާތެރިކަން ހޯދަ ދިނުމުގައި ޓީޗަރުންނަށް ވަރަށް މުހިއްމު ރޯލެއްއަދާ ކުރެވޭނެއެވެ. މިގޮތުން ކުއްޖާއަށް އަންނަ ޖިސްމާނީ އަދި ނަފްސާނީ ބަދަލުތައް ދެނެގަނެ އެކަމާ ގުޅޭގޮތުން ކުދިންނަށް ވާހަކަ ދެއްކުމަށް ފުރުޞަތު ދިނުން ވަރަށް މުހިއްމެވެ. މިގޮތަށް ކުދިންނަށް ފުރުޞަތު ދިނުމުން ކުދިންނަށް ދިމާވާ ކަންތައްތައް ދެނެގަތުމަށް މަގުފަހިވެގެން ދާނެއެވެ.
- އަދި ހަމައެހެންމެ ކުދިންނަށް ރަގަޅު ޢަމަލުތަކާ ނުބައި ޢަމަލުތަކަކީ ކޮބައިކަން ކިޔައި ދިނުމަކީ ވެސް މުހިއްމު ކަމެކެވެ. މިސާލަކަށް ކުއްޖާ އަށް އުނދަގޫ ވާގޮތަށް އަތްލުން ،ވިކުން، ތެޅުން، ނުވަތަ ތަދުވާ ފަދަ ޢަމަލު ތަކަކީ ނުރަގަޅު ޢަމަލުތަކެއްކަން ކިޔައިދެވިދާނެއެވެ. މިފަދަ ވާހަކަތައް ކިޔައި ދިނުމުން، ކުއްޖާއަށް މިފަދަ ކަމެއް ދިމާވުމުން އެވާހަކަތައް ކިޔައި ދިނުމަށް ހިތްވަރަކަށް ވެގެން ދާނެއެވެ.
- މީގެ އިތުރުންވެސް ކުއްޖާ އަށް ގެއްލުމެއް ލިބޭފަދަ ކަމެއް ވާނަމަ، އެކަމެއް ވީ އެންމެ އަވަހަކަށް ކަމާ ބެހޭ ފަރާތަކަށް އެންގުމާއި، އެފަދަ ކުދިންނަށް ރައްކާތެރިކަން ހޯދާ ދިނުމާއެކު ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށް ދޭންވާނެއެވެ : މިސާލަކާށް ނަފްސާނީ އެހީތެރިކަން ނުވަތަ ކުއްޖާ އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށް އެހީތެރިވެދިނުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ.
ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި މުޖުތަމައުގެ ވަކިފަރުދުންގެ ރޯލު
ކުއްޖަކަށް ގެއްލުމެއް ނުވަތަ ނުރައްކަލެއް ލިބޭފަދަ ކަމެއްވާކަން އެގޭނަމަ ނުވަތަ އެފަދަ ކަމަކަށް ހުށަހެޅިދާނެހެން ހީވާކަމުގައިވިޔަސް އެކަމަކުން އެކުއްޖާ ދުރައްލާ ރައްކާތެރިކުރުމަކީ މުޖުތަމަޢުގެ ޒިންމާއެކެވެ. އަދި ތިމާގެ އަމިއްލަ ދަރިފުޅު ނޫން ކަމުގައި ވިޔަސް، ކުޑަކުއްޖަކަށް އެއްވެސް ފަރާތެއްގެ ގޯނާ ނުވަތަ އަނިޔާއެއް ލިބޭ ކަމަށް ވާނަމަ، ކަމާ ބެހޭ ފަރާތަކަށް އެކަން ރިޕޯޓް ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއަކަށް ހެދިއްޖެ ނަމަ ކުޑަކުއްޖާއަށް އެކުއްޖާ އުޅޭ މާހަޢުލު ރައްކާތެރިތަނަކަށް ވުމަށް މަގުފަހިވެގެން ދާނެއެވެ.
ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި ދައުލަތުގެ ރޯލު
ކުއްޖާއަށް ރައްކާތެރި އަމާން މާހަޢުލެއް ޤާއިމް ކުރުމަށް ޓަކައި ބޭނުންވާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދާ، ފުރިހަމައަށް ތަންފީޒުކުރުމަކީ ދަޢުލަތުގެ ޒިންމާއެކެވެ. ކުށްކުރާ ކުޑަކުދިން އެކަށީގެންވާ ގޮތެއްގައި ރިހެބިލިޓޭޓްކުރެވިގެން އަނބުރާ މުޖްތަމަޢުއަށް ނުކުތުމަށް މަގުފަހިކޮށް ދިނުމަކީވެސް ދަޢުލަތުގެ ޒިންމާއެކެވެ. ކުއްޖާ އުޅެމުން ގެންދާ މާހައުލަކީ ކުއްޖާއަށް ނުރައްކަލެއް ކުރިމަތިވާ ތަނެއް ކަމުގައިވާނަމަ، އެކުއްޖާއަށް ބޭނުންވާ ޢިޖްތިމާއީ ރައްކާތެރިކަން ދިނުމަކީވެސް ދަޢުލަތުގެ ޒިންމާތަކުގެ ތެރޭގައި ހިމޭނޭ ކަމެކެވެ. މިގޮތުން ނުރައްކަލުގެ ތެރޭގައި އުޅޭ ކުދިންނަށް ރައްކާތެރިކަން ލިބޭނޭފަދަ ސެންޓަރުތައް ގާއިމް ކުރެވި، އެފަދަ ތަންތަނުން ކުއްޖާ އަށް ލިބެންޖެހޭ އެންމެހާ ހިދުމަތްތައް ލިބެންވާނެއެވެ.