ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިޝަނަށް ލިބިގެންވެއެވެ.



(ހ) މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަކަމަކަށް އެހީތެރިވެއްޖެކަމަށް ބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، ނުވަތަ ކޮމިޝަނަށް އެފަދަ ކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވިއްޖެނަމަ، އެމައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި، މިބުނެވުނު ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެމައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި، މިޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން؛



(ށ) އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ކޮމިޝަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ، އެމައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި، މިޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން؛



(ނ) ޝަރްޢީ ޙުކުމެއްގެ ދަށުން ނުވަތަ ޤާނޫނީ އަމުރެއްގެ ދަށުން، ބަންދުކޮށްފައި ތިބޭމީހުން ތިބޭ ކޮންމެ ތަނަަކަށްވެސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކޮމިޝަންގެ މެންބަރަކު ނުވަތަ މެންބަރަކާއެކު ނުވަތަ މެންބަރުންނާއެކު ކޮމިޝަނުން ކަނޑައަޅާ ވަގުތެއްގައި ކަމާބެހޭ ފަރާތަށް ކުރިން އެންގުމަކާނުލާ ޒިޔާރަތްކުރުން؛



(ރ) ކޮމިޝަންގެ މައްސޫލިއްޔަތުގެ ތެރެއިން (ނ) ގައިވާ ގޮތުގެމަތިން ކުރާ ޒިޔާރަތްތަކުގައި، ބަންދުގައިތިބޭ މީހުންގެ، އިންސާނީ ޙައްޤުތަކަށް އުނިކަމެއް އައިސްފައި، ނުވަތަ ގެނެސްފައިވޭތޯ ބަލައި، އެމީހުންގެ މަޞްލަޙަތުތައް ބަލައި ދިރާސާކޮށް، އެމީހުން ބަންދުގައި ތިބޭ ތަންތަނުގެ ވަސީލަތްތައް ރަނގަޅު ކުރަންޖެހޭކަމަށް ފެންނަނަމަ، ނުވަތަ އެމީހުންނަށް ލިބިދޭ ޢިނާޔަތްތައް އިޞްލާޙުކުރަން ޖެހޭކަމަށް ފެންނަނަމަ، އެ ކަންކަމާ ގުޅޭގޮތުން ކޮމިޝަނަށް ފެންނަގޮތް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހެޅުން،



(ބ) އަމިއްލަ ފަރުދަކު ނުވަތަ ސަރުކާރުން ނުވަތަ އަމިއްލަ ޖަމްޢިއްޔާއަކުން، ނުވަތަ ކޮމިޝަނުގެ މެންބަރަކު ހުށަހަޅާ އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް ބަލައި ތަޙްޤީޤުކުރުމާއި، އެ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛



(ޅ) ސަރުކާރުގެ އިދާރާއަކާ ގުޅޭގޮތުން ނުވަތަ އަމިއްލަ އިދާރާއަކާ ގުޅޭގޮތުން ނަމަވެސް، ހުށަހަޅާ އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް ބަލައި، ދިރާސާކޮށް، އެކަމާބެހޭ މަޢްލޫމާތު އެއިދާރާއަކަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްދީ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، އެތަންތަނަށް އެންގުން؛



(ކ) ޝަރީޢަތުގައި ހިގަމުންދާ މައްސަލައެއްގައި، މީހެއްގެ އިންސާނީ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ނުވަތަ އިންސާނީ ޙައްޤަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެކަމަށް، މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު ނުވަތަ އެޓަރނީ ޖެނެރަލް ނުވަތަ އެމީހަކަށް ފެނިގެން އެކަމެއް ބެލުމަށް އެ މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު ނުވަތަ އެޓަރނީ ޖެނެރަލް ނުވަތަ އެމީހަކު ކޮމިޝަނަށް މައްސަލައެއް ފޮނުވައިފިނަމަ، އެކަމެއް ބަލައި އެމައްސަލަ ބަލާ ފަނޑިޔާރާއި އުއްތަމަފަނޑިޔާރަށް ރިޕޯޓެއް ހުށަހެޅުން؛



(އ) ސެމިނާރާއި، މަސައްކަތު ބައްދަލުވުމާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވައި، އެކިއެކި ދިރާސާތައްކޮށް، އެދިރާސާތައް ހާމަކޮށް ޝާއިޢުކުރުން؛



(ވ) އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން އާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ޝާއިޢު ކުރަންޖެހޭ ބަޔާންތައް ޝާއިޢު ކުރުން؛



(މ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެމަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުން؛