Human Rights Commission of the Maldives

ރައީސްގެ ބަސް

އިންސާނީ ޙައްޤުތަކަކީ ހަމަ ކޮންމެ މީހަކަށްވެސް ނިސްބަތްވާ އެއްޗެކެވެ. ކޮންމެ ނަސްލަކުން އަދި ކޮންމެ ޖިންސަކުން އައިކަމުގައި ވީނަމަވެސް އިންސާނަކަށް ވީތީ، އިންސާނެއްގެ ޙައިސިއްޔަތުން ލިބިދޭ މަތިވެރިކަމާއި ކަތާމާތްތެރިކަން ތަފާތުކުރުމެއްނެތި ލިބެގެންވެއެވެ. ޢާންމު ދިރިއުޅުމުގައި އިންސާނީ ޙައްޤުތަކާ މެދު ވިސްނާނަމަ އެއީ ތިމާއާމެދު އެހެން މީހުން ޢަމަލުކުރަން ބޭނުންވާ ގޮތްތަކެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތައް މުހިންމުވެގެންދަނީ އިންސާނީ ޤަދަރާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށާއި، މިނިވަންކަމާއި، ހަމަހަމަކަމާއެކު ދިރިއުޅުން ބައްޓަން ކުރުމަށް އިންސާނާ ބާރުވެރިކުރުވާ އަސާސީ ކަންތައްތަކެއްކަމުގައި ވާތީއެވެ. މި ޙައްޤުތައް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވެއެވެ. ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ކޮންމެ ޙައްޤެއްވެސް އަންނަނީ އެ ޙައްޤަކާއެކު އަދާކުރަންޖެހޭ ޒިންމާއަކާވެސް އެކުއެވެ. އެގޮތުން ފަރުދުންގެ އިންސާނީ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށް ޒިންމާ އުފުލަންޖެހެއެވެ. ސަރުކާރުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލްއިންސާފު ހިންގުމުގެ ބާރުންނާއި އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ވެސް އެކުގައި މަސައްކަތްކުރަން ޖެހެއެވެ.

ދިވެހިރާއްޖެއަކީ އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު އިންސާނީ ޙައްޤުތައް ކަށަވަރުވެގެންވާ، އެޙައްޤުތަކަށް ރައްކާތެރިވެ، އިޙްތިރާމްކުރާ ޤައުމަކަށްވެގެންދާނީ އެ ޙައްޤުތައް ޤާނޫނުތަކުން ރައްކާތެރި ކުރެވިގެންނެވެ. ނަމަވެސް، ބިލްތައް ޤާނޫނުތަކަށްވެގެން އަންނައިރު، އިންސާނީ ޙައްޤުތަކުގެ ނަޒަރުން ހިމެނުމަށް ފެންނަކަމަށް މި ކޮމިޝަނުން ހުށަހަޅާ ގިނަ ކަންކަން ހިމެނިގެންނުދާކަމީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ޤާނޫނީ ނިޒާމް ހަރުދަނާކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތަށް ހުރި ގޮންޖެހުމެކެވެ. އަދި ޙައްޤުތަކުގެ ބޭނުންހިފާއިރުވެސް، ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން، އެހެން ފަރާތެއްގެ ޙައްޤަކަށް އުނިކަން ނުއަންނާނެ ގޮތަކަށް ޢަމަލުތައް ބަހައްޓަންކުރަން ޖެހެއެވެ. ޙައްޤުތަކަށް އިޙްތިރާމް ކުރުމަކީ އިސްލާމީ، ޑިމޮކްރެޓިކް އަދި ތަހުޒީބީ ދިރިއުޅުމެއް އުޅުމަށް ބާރުވެރިކުރުވާނެ ކަމެކެވެ. އެހެންކަމުން، އިންސާނީ ޙައްޤުތަކަށް ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަކީ މުހިންމު ކަމެއްކަމެކެވެ. އެގޮތުން އިންސާނީ ޙައްޤުގެ ތަޢުލީމް އިތުރަށް ތަރައްޤީ ކުރުމާއި، ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމާއި ދަޢުލަތުގެ ސިޔާސަތުތައް އިންސާނީ ޙައްޤުތަކާ އެއްގޮތަށް ބައްޓަން ކުރުމަށް ކޮމިޝަނުން ބާރުއަޅަމުން ގެންދެއެވެ.

އިންސާނީ ހައްޤުތައް ނިގުޅައިގެނެވިގެން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދުންނާއި މައްސަލަތަކުގެ ބާވަތުން ދިވެހިރާއްޖޭގެ އިސްސާނީ ޙައްޤުތައް އޮތް ހިސާބު ސިފަވެގެން ދެއެވެ. އެއްވެސް ފަރާތަކުން ރާއްޖޭގެ ޤާނޫނުއަސާސީއިންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކުން ރައްޔިތުންނަށް ލިބިދީފައިވާ އިންސާނީ ހައްޤުތަކުގެ މިނިވަންކަން ނިގުޅައިގަނެވޭނެފަދަ އެއްވެސް އަމަލެއް ކުރުމަކީ ބަލައިގަނެވޭގެ ކަމެއްނޫނެވެ. އެހެންކަމުން އަނިޔާ ކުރުން ހުއްޓުވައި، އަޅާލުމާއި އޯގާވެރިކަން ކުރިއަށް ނެރެ އެކަކު އަނެކަކަށް އިޙްތިރާމްކުރާ އުފާވެރި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު، ދިރިއުޅުމުގައި ތަފާތު ވިސްނުންތަކަށް ޖާގަ ދިނުމާއި، ތަޙައްމަލް ކުރުމާއި، މަޢާފުކުރުމާއި، ކެތްތެރިކަމާއެކު ކަންކަން ޙައްލުކުރުމުގައި މަޝްވަރާގެ މަތިވެރި އުސޫލާއި ޢަދުލު އިންޞާފު ގާއިމުކުރުމަށް އިސްކަމެއް ދޭންޖެހެއެވެ.

ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ކޮމިޝަނުން މިކުރާ މަސައްކަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ކޮމިޝަނަށް ލިބެމުންދާނެކަމުގައި ޔަގީންކުރަމެވެ. އަދި މި މަސައްކަތުގައި މާތް الله ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާށީއެވެ.