ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހިލޭ ޤާނޫނީ އެހީ ދިނުމާބެހޭ ގަވާއިދު



1. ނަން

މިގަވާއިދަކީ "ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހިލޭ ޤާނޫނީ އެހީ ދިނުމާބެހޭ ގަވާއިދު" އެވެ.

މިގަވާއިދު ހެދިފައިވަނީ ޤާނޫނު ނަންބަރު 2006/6 "ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު" ގެ 31 ވަނަ މާއްދާގެ ދަށުންނެވެ.


2. މަޤްސަދު

މިގަވާއިދު އެކުލަވާލުމުގެ މަޤްސަދަކީ ކޮމިޝަންއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިޝަންގެ ފަރާތުން ޤާނޫނީ އެހީތެރިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޤާނޫނީ އެހީތެރިކަން ހޯދޭވަރުގެ ފޯރުންތެރިކަން ހުރިތޯ ބެލުމަށްފަހު، އެފަދަ ފޯރުންތެރިކަން ނެތް ފަރާތްތަކަށް ޤާނޫނީ އެހީގެ ގޮތުގައި، ހިލޭސާބަހަށް ޤާނޫނީ ލަފާދިނުމާއި، ކޯޓުތަކުގައި އެފަރާތްތައް ތަމްޞީލްކޮށްދިނުމާއި އަދި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.


3. ކޮމިޝަންގެ ފަރާތުން ފޯރުކޮށްދެވޭ ޤާނޫނީ އެހީގެ ބައިތައް:

(ހ) ޤާނޫނީ ލަފާދިނުން: ޤާނޫނީ ލަފާ ދިނުމުގައި، އެކަމަށް އެދޭ ފަރާތަށް، އެ މައްސަލައެއްގައި ހިމެނޭ ޤާނޫނީ ނުކުތާތައް އޮޅުންފިލުވައިދީ، އަދި ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންނަމަ އަޅާނެ ފިޔަވަޅުތަކާއި، މައްސަލަ ނިންމުމަށް އަޅާނެ ޤާނޫނީ ފިޔަވަޅުތަކާއި ބެހޭގޮތުން ލަފާދެވޭނެއެވެ.

(ށ) ކޯޓުތަކުގައި ތަމްޞީލްކޮށްދިނުން: މިކަމުގައި، ކޯޓުގައި ބާއްވާ އަޑުއެހުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި، ކޯޓަށް މައްސަލަ ހުށަހެޅުމަށް ކޯޓުގައި ކަންކަން ކުރާނެގޮތް އޮޅުންފިލުވައިދިނުމާއި، އެފަރާތެއް ކޯޓުގައި ތަމްޞީލުކޮށް ވަކާލާތުކޮށްދިނުން ހިމެނެއެވެ.

(ނ) ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށްދިނުން: ޤާނޫނީ ގޮތުން ކޮމިޝަނުން، ކޯޓުން ބޭރުގައި މައްސަލަ ނިންމުމުގެ ގޮތުން، ޞުލްހަވެރި ގޮތެއްގައި މައްސަލަ ޙައްލުކުރުމަށް އެހީއަށް އެދުނު ފަރާތުގެ މަތިން މައްސަލާގައި ހިމެނޭ ފަރާތްތަކާ ވަކިވަކިން ވާހަކަ ދެއްކުމާއި، ހުރިހާ ފަރާތަކާ އެކުގައި ވާހަކަ ދައްކައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުން ހިމެނެއެވެ.

(ރ) ކޯޓުތަކަށް އެހީ ފޯރުވައިދިނުން: ކޮމިޝަންގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން، ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި މީހެއްގެ އިންސާނީ ޙައްޤަކަށް އުނިކަމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ކޮމިޝަނަށް ލިބިއްޖެނަމަ، އެމަޢުލޫމާތު، ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުގެ އިޒުނަޔާއެކު، އެފަނޑިޔާރުގެ މަޢުލޫމާތަށްޓަކައި ކޯޓަށް ހުށަހެޅިދާނެއެވެ.


4. ޤާނޫނީ އެހީއަށް އެދި ހުށަހެޅުން

(ހ) ކޮމިޝަންގެ ފަރާތުން ޤާނޫނީ އެހީއަށް އެދޭނަމަ، މިގަވާއިދުގެ ޖަދުވަލް 1 ގައިވާ ފޯމުން ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

(ށ) ޤާނޫނީއެހީއަށް އެދި ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ އެންމެހާ ލިޔެކިޔުންތައްވެސް ހުށަހަޅަންވާނެއެވެ.

(ނ) ކޮމިޝަންގެ ޤާނޫނީ އެހީއަށް އެދި ހުށަހަޅާ ސަބަބު ބަޔާންކުރަންވާނެއެވެ.


5. ޤާނޫނީ އެހީއަށް އެދި ހުށަހަޅާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް

(ހ) މަހު މުސާރައަށް -/4000 ރުފިޔާއަށްވުރެ މަދު އަދަދެއް ލިބޭ މީހެއްކަމުގައިވުން.

(ށ) ގޭބިސީއަށް ޚަރަދުވާ އެއްޗަކުން ޤާނޫނީ ކަމަކަށް ޚަރަދުކުރުމުގެ ތަނަވަސްކަން ނެތް މީހެއް ކަމުގައިވުން.

(ނ) އެމީހެއްގެ ކިބައިގައި ހުރި މާލީ ނުކުޅެދުންތެރިކަމުގެ ސަބަބުން ދައުލަތުގެ ޚާއްސަ އެހީއަށް ބޭނުންވާފަދަ މީހެއް ކަމުގައިވުން.

(ރ) ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކުން ހިލޭ ޤާނޫނީ އެހީ ލިބޭ ފަރާތެއް ކަމުގައިނުވުން.


6. ކޮމިޝަނުން ޤާނޫނީ އެހީ ދެވޭނެ މައްސަލަތައް

(ހ) މަދަނީ މައްސަލަތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާއި ގުޅުންހުރި ބާވަތުގެ މައްސަލަތައް.

(ށ) ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޝަރީޢަތް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެންނަ މައްސަލަތައް.

(ނ) ޖިނާޢީ މައްސަލަތަކުގައި ކޮމިޝަނުން ސީދާ ކޯޓުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިއެއް ނުވާނެއެވެ. ނަމަވެސް މައްސަލަ ތަޙުޤީޤުކުރުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އެކުގައި މަސައްކަތްކުރެވޭނެއެވެ.


7. ކޮމިޝަނުން ހިލޭ ޤާނޫނީއެހީ ދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައް

(ހ) ޝަރީޢަތް ކުރުމުގައި ނުވަތަ ހުށަހެޅޭ މައްސަލައެއްގައިވަނީ ޤާނޫނީ ނުވަތަ އިންސާނީ ޙައްޤުތަކުގެ އުޞޫލުތަކާ ސީދާގޮތުން ގުޅިފައިވާ ކަންތައްތައް ކަމުގައިވުން.

(ށ) ހުށަހެޅޭ މައްސަލައަކީ އެމައްސަލައިގެ ބާވަތުން ނުވަތަ އެހެންވެސް ސަބަބަކާހުރެ، އެހުށަހަޅާ ފަރާތަށް އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމާނުލާ ކުރިއަށް ގެންދެވޭނެފަދަ މައްސަލައަކަށްވުން.

(ނ) ޚާއްސަ ހާލަތްތައް (މާލީ، އިޖްތިމާޢީ ނުވަތަ އިޤްތިޞާދީ ހުރަސްތައް)


8. ކޮމިޝަނުން ހިލޭ ޤާނޫނީއެހީ ނުދެވޭނެ ޙާލަތްތައް

ކޮމިޝަންގެ ޤާނޫނާއި ގަވާއިދަށް ރިޢާޔަތްކުރާއިރު، އަންނަނިވި ކަންކަން ހިމެނޭނަމަ، އެފަދަ ޙާލަތްތަކުގައި ކޮމިޝަނުން ހިލޭ ޤާނޫނީއެހީ ފޯރުކޮށް ނުދެވޭނެއެވެ.

(ހ) އެއްވެސް ފަރާތަކުން ހޯދުމަށް އެދިފައިވާ ޤާނޫނީއެހީ އެހެން އެއްވެސް ޤާނޫނަކުން ލިބިދިނުން.

(ށ) އެދިފައިވާ ޤާނޫނީއެހީ އެހެން އެއްވެސް ވަސީލަތަކުން ލިބިދިނުން.

(ނ) މައްސަލައެއް ނިންމުމުގެ ބާރު ނުވަތަ މައްސަލައާއި ގުޅުންހުރި އެހެން އެއްވެސް ކަމެއް ހިންގުމުގެ ބާރު އައްޔަން ކުރެވިފައިވާ ޓްރައިބިއުނަލްއަކަށް ނުވަތަ އެހެން އެއްވެސް ޝަޚްސަކަށް ލިބިފައިވުމާއި އަދި އެ އައްޔަން ކުރެވިފައިވާ ޓްރައިބިއުނަލްއަކުން ނުވަތަ ޝަޚްސަކުން އެމައްސަލައެއް ފަސޭހައިން ނިންމުމުގެ ބާރު އޮތުން.

(ރ) އެހީ ހޯދުމަށް ހުށަހެޅިފައިވާ މައްސަލައަކީ އެއްވެސް ޤާނޫނީ ބުރަދަނެއް ހުރި މައްސަލައެއް ކަމުގައި ނުވުން.

(ބ) މައްސަލާގައި ގެއްލިފައިވާ ނުވަތަ ނިގުޅައިގަނެވިފައިވާކަމަށް ތުހުމަތުކުރެވޭ އިންސާނީ ޙައްޤު ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެ އެއްވެސް އަސާސެއް ހާމަކޮށްދެވިފައި ނެތުން.

(ޅ) ޤާނޫނީއެހީ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން އެ ހުށަހެޅި ކަންތަކަށް މާބޮޑު ޝައުޤުވެރިކަމެއް ނުދިނުން.


9. ޤާނޫނީ އެހީ ދޭ ފަރާތްތަކުގެ މަސްޢޫލިއްޔަތުތައް

(ހ) ޤާނޫނީ އެހީ ދޭ ފަރާތްތަކަކީ މިކޮމިޝަނުން އައްޔަންކުރާ ފަރާތްތަކެއް ކަމުގައިވިޔަސް، އެފަރާތްތަކުން އަމަލުކުރަންވާނީ ދިވެހިރާއްޖޭގެ ވަކީލުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ޤާނޫނީ އެހީ ދޭ ފަރާތްތަކަށް ކޮމިޝަނުން ކަނޑައަޅާ ފައިސާއެއްގެ އިތުރުން، އެއްވެސް ބާވަތެއްގެ ފައިސާއެއް ނުވަތަ މަންފާއެއް ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ޤާނޫނީ އެހީ ދޭ ފަރާތްތަކުން ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި އެފަރާތްތަކުގެ އެހީތެރިކަން ލިބިގަތުމަށްޓަކައި އަންނަ ފަރާތްތަކާއި ޤަދަރާއިއެކު މުޢާމަލާތުކޮށް، އިންސާނީ ޙައްޤު ދެމެހެއްޓެނިވިފަދަ ގޮތަކަށް އެފަރާތްތަކުގެ މައްސަލަތައް ހައްލުކޮށްދީ، އަދި އެފަރާތްތައް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ އިންސާނިއްޔަތުކަން އަސާސެއް ކަމުގައި ބަލައިގަނެގެން ހެޔޮގޮތުގައި އިންސާފު ޤާއިމް ކުރުމަށް ކުރެވޭ ކަންތައްތަކެއް ކަމުގައި ހަދަންވާނެއެވެ. ޤާނޫނީ އެހީ ދޭ ފަރާތްތަކުން އެއްވެސް ހާލެއްގައި އެމީހުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޤާނޫނީއެހީ ލިބިގަތުމަށްޓަކައި ދާ ފަރާތެއްގެ ނާޖާއިޒް ފައިދާ ނަގައިގެން ނުވާނެއެވެ.

(ރ) ޤާނޫނީ އެހީ ދޭ ފަރާތްތަކުން ކޮމިޝަނާއި ޤާނޫނީ ދާއިރާގެ، އަދި އެފަރާތުގެ އަމިއްލަ ނަފްސުގެ އިތުބާރާއި ޤަދަރު ގެއްލޭފަދަ ބާވަތުގެ އެއްވެސް ޢަމަލެއް މުޖުތަމަޢުގައި ނުވަތަ ޢާންމުންގެ ތެރޭގައި ކޮށްގެން ނުވާނެއެވެ.

(ބ) ޤާނޫނީ އެހީ ދޭ ފަރާތްތަކުން އެއްވެސް ހާލެއްގައި އެފަރާތުގެ މުވައްކިލުގެ ސިޔާސީ ފިކުރާއި، ދީނީ ވިސްނުމާއި، ޖިންސީ، ނަސްލީ، ހައިސިއްޔަތަށް އަދި އުމުރަށް މައްސަލަތައް ބެލުމުގައި ރިޢާޔަތްކޮށްގެން ނުވާނެއެވެ. އަބަދުވެސް ކުރިއަށް ނެރެންވާނީ ޚިދުމަތްހޯދުމަށްދާ ފަރާތުގެ މަސްލަހަތެވެ. އެހެންނަމަވެސް، މައްސަލައެއް ބަލަމުންދާއިރުގައި އެއްވެސް މަރުހަލާއެއްގައި މަސްލަހަތު ގެއްލޭކަމުގައިވާނަމަ، ޤާނޫނީ އެހީ ދޭ ފަރާތްތަކުން އެކަމެއް ލަސްނުކޮށް ކޮމިޝަނަށް އަންގަންވާނެއެވެ. އަދި އެފަދަ މައްސަލަތައް ރަސްމީކޮށް އެހެން ޤާނޫނީ އެހީދޭ ފަރާތަކާ ޙަވާލުކުރަންވާނެއެވެ.

(ޅ) ޤާނޫނީ އެހީ ދޭ ފަރާތުން އެފަރާތަކުން ގެންގުޅޭ މައްސަލަތަކުގެ ލިސްޓެއް އެކުލަވާލައި ޒިންމާދާރުގޮތެއްގައި އެމައްސަލަތައް ބަލަހައްޓަންވާނެއެވެ. އަދި މިބަޔާންކުރެވުނު ލިސްޓް އެއަހަރު ނިމުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

(ކ) ޤާނޫނީ އެހީ ދޭ ފަރާތުން ޚިދުމަތްހޯދާ ފަރާތްތަކުގެ އިތުބާރު ދަމަހައްޓަންވާނެއެވެ. އަދި ހަމަ މިއާއިއެކު ރަނގަޅު ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ.

(އ) އެއްވެސް މަރުހަލާއެއްގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ފުށޫއަރާފަދަ މައްސަލައެއް ކައުންސިލަށް ހުށަހެޅިފައިވާކަން އެނގިއްޖެނަމަ ނުވަތަ މައްސަލައެއް ބަލަން ފެށުމުގެ ޤާނޫނާއި ގަވާއިދަށް ފުށޫއަރާނެކަން ފާހަގަކުރެވިއްޖެނަމަ، ކައުންސިލުން އެފަދަ މައްސަލައެއް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ. ލީގަލް ޑިޕާޓްމަންޓުން އެމައްސަލައެއްގައި އެފަދަ ކަމެއް ހުރިނަމަ، އެމައްސަލައެއް ކެންސަލްކޮށް ކެންސަލް ކުރެވުނުކަން މައްސަލަ ހުށަހެޅި ފަރާތަށް ރަސްމީކޮށް އަންގަންވާނެއެވެ.

(ވ) ޤާނޫނީ އެހީ ދޭ ފަރާތުން ޒިންމާ ނަގައިގެން މަސައްކަތް ކުރަންވާނީ ހަމައެކަނި މުވައްކިލާއި ކޮމިޝަނުގެ ޙައްޤުގައެއްނޫނެވެ. ހަމައެހެންމެ ކޯޓާއި ތިންވަނަ ފަރާތަށްވެސް ޤާނޫނީ އެހީދޭ ފަރާތުގެ ޒިންމާއެއް އޮންނާނެއެވެ.