އެޗް.އާރް.ސީ.އެމް އިން ޓީޗަރ އެޑިއުކޭޓަރސް އަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
23-03-2010


ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ޓީޗަރުން ތަމްރީން ކުރާ ޓީޗަރ އެޑިއުކޭޓަރުންނަށް އަމާޒުކޮށްގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. ޓީޗަރ އެޑިއުކޭޓަރުންގެ މެދުގައި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ މާރޗް މަހުގެ 23 އަދި 24 ވަނަ ދުވަހު ސްޓެލްކޯގެ ޓްރެއިނިންގ ރޫމުގައި، ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00ން 04:00 އަށެވެ.

މިއަދު ހެނދުނު މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވާފައިވަނީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން، ޑރ.އަޙްމަދު އަލިމަނިކެވެ. ރަސްމިއްޔާތު ފައްޓަވާ ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ އަދުގެ ހާލަތަށް އަދި ތަޢުލީމު އުނގެނުމުގެ ޙައްޤުގެ މުހިއްމުކަމަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ. މީގެ އިތުރުން އެޗް.އާރް.ސީ.އެމް ގެ މެމްބަރ މަރިޔަމް އަޒްރާ އަޙްމަދް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން އާސިމް އަބްދުލް ސައްތާރު އަދި ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވުމަށް ވަޑައިގެން އުޅުއްވާ އިންސާނީ ޙައްޤުތަކުގެ ތަޢުލީމާބެހޭ މާހިރެއްކަމަށްވާ ކޮލްބީ ގުޑްމަންވެސް މި ޙަފްލާގައި ވާހަކަފުޅު ދެއްކެވިއެވެ.

ސްކޫލްތަކުގައި އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ ޘަޤާފަތެއް ޤާއިމް ކުރުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އިންސާނީ ޙައްޤުތަކަކީ ކޮބައިކަން، އިންސާނީ ޙައްޤުތަކާބެހޭ ތަޢުލީމު ގެ މުހިއްމުކަން،ސްކޫލްތަކުގައި ދެޖިންސުގެ ހަމަހަމަކަން، އަދި އިންސާނީ ޙައްޤުތަކާ ރަހުމަތްތެރި މާހައުލެއް ސްކޫލްތަކުގައި ޤާއިމްކުރެވޭނެ ގޮތްތައްފަދަ ތަޢުލީމީ ދާއިރާއާ ގުޅުންހުރި އިންސާނީ ޙައްގުތަކާބެހޭ މަޢުލޫމާތުދެވޭނެއެވެ. މިޕްރޮގްރާމްގައި 24 ޓީޗަރ އެޑިއުކޭޓަރުން ބައިވެރިފައިވެއެވެ.