ށ. އަތޮޅާއި ނ. އަތޮޅުގައި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުން
16-05-2010


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަޢުލީމީ ދާއިރާއަށް ޢަމާޒުކޮށް ށ. އަތޮޅުގައި ހިންގި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުމުގެ މަސައްކަތު ބައްދަލުވުން ނިމުމަށްފަހު ބައިވެރިންނަށް ހަނދާނީ ލިޔުން ދެވިއްޖެއެވެ. އެ އަތޮޅު ފުނަދޫގައި މި މެއިމަހުގެ 11ން ފެށިގެން ކުރިއަށް ދިޔަ މި ބައްދަލުވުން ނިމިފައިވަނީ ހުސްވި ހަފްތާގެ 13 ވީ ބުރާސްފަތި ދުވަހުއެވެ.

ށ. އަތޮޅުގެ ސްކޫލަތަކުގެ ވެރިންނާއި، ލީޑިންގ ޓީޗަރުން އަދި އިސްމަޤާމްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގަތް މި ބައްދަލުވުމުގައި އިންސާނީ ޙައްޤުތަކާބެހޭ ޢާއްމު މަޢުލޫމާތު، ޤަނޫންއަސާސީން ލިބިދޭ ޙައްޤުތައް، ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު، އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައެއް އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާބެހޭ މަޢުލޫމާތު ބައިވެރިންނަށް ދެވުނެވެ. މުޅި ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަޤާފަތެއް ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މި ބައްދަލުވުމުގެ އަމާޒަކަށް ވެފައިވަނީ ސްކޫލްތަކުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަޤާފަތެއް ޤާއިމް ކުރުމަށް މަސައްކަތްކުރުމެވެ. ށ، އަތޮޅުގެ ބައްދަލުވުމުގައި ޖުމްލަ 28 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހަމަ މިފަދަ ދެވަނަ ބައްދަލުވުން މެއި މަހުގެ 15ގައި ނ.އަތޮޅު މަނަދޫގައި ވަނީ ފެށިފައެވެ. މެއި 15ން 17އަށް ކުރިއަށްދާ މި ބައްދަލުވުމުގައިވެސް ނ. އަތޮޅުގެ ސްކޫލުތަކުގެ އިސްބޭފުޅުންގެ އިތުރުން އަތޮޅު ކައުންސިލަރާއި ޕީ.ޓީ.އޭ ގެ ބޭފުޅުންނާއި އަތޮޅުގެ ތަފާތު ދާއިރާތަކުން ޖުމްލަ 24 ބޭފުޅުން ބައިވެރިވެއެވެ. މިއީ ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޘަޤާފަތެއް ގާއިމްކުރުމުގެ ގޮތުން ތަޢުލީމީ ދާއިރާއަށް އަމާޒުކޮށްގެން އެޗްއާރްސީއެމް އިން ހިންގަމުންގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ބައެކެވެ.