ގުއަންޓަނާމޯބޭ ޖަލުން ޤައިދީން ގެނައުމުގެ ކަންތަކާބެހޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް އެޗްއާރްސީއެމް އިން ގޮވާލައިފި
24-05-2010


ގުއަންޓަނާމޯބޭގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލުގައި ހައްޔަރުކޮށްފައި ތިބި ޤައިދީންގެ ތެރެއިން ދެ މީހަކު ރާއްޖެގެނައުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާއިގުޅިގެން، ދިވެހިރާއްޖޭގެ މީޑިޔާގައި އެކަމާގުޅޭގޮތުން ތަފާތު އެކި ގޮތްގޮތައް މަޢުލޫމާތު ފެތުރި ރައްޔިތުންނަށް އޮޅުންތަކެއް އަރާފައިވާތީ، ކަމާބެހޭ ފުރިހަމަ މަޢުލޫމާތު ސަރުކާރުން ޢާއްމު ރައްޔިތުންނާ ހިއްސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ހާމަކޮށްފައިވާގޮތުގައި، މިކަމުގައި ސަރުކާރުން ޢަމަލުކުރަން ރާވާފައިވާގޮތަކާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫންތައް، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކުގެ އަލީގައި މިކަމުގެ ޤާނޫނީ ޙައިސިއްޔަތު ރައްޔިތުންނަށް އެނގުމަކީ ރައްޔިތުންގެ ޙައްޤަކަށްވާހިނދު، ސަރުކާރުން މިމަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުން ލާޒިމެވެ.

ރާއްޖޭގައި ދީނުގެ ނަމުގައި ތަފާތު ޚިޔާލުތައް ގިނަވެ، ޓެރަރިޒަމްގެ ޢަމަލުތައް ފެތުރިދާނެކަމުގެ ބިރުހީވެފައިވާ ދަޑިވަޅެއްގައި، މިފަދަ ޙަޤީޤަތްނޭންގޭ ބަޔަކު ރާއްޖެ ގެނެސް މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުމަށް އެއްވެސް ނޭދެވޭ ބަދަލެއް އަތުވެދާނެތޯއާއި، ރާއްޖޭގެ އެތެރޭން ނުވަތަ ބޭރުންވިޔަސް ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެތޯއާއި، އަދި މިފަދަ ކަމަކުން ރައްކާތެރިވުމަށް އަޅަންް ރާވާފައިވާ ފިޔަވަޅު ތަކަކީ ކޮބައިތޯއާއި، އަދި އެމީހުންގެ އަމިއްލަ ރައްކާތެރިކަމާއި ސަލާމަތަށް ސަރުކާރުން ވިސްނާފާވަނީ ކިހާވަރަކަށްތޯއާއި އަދި މިނޫނަސް ރައްޔިތުންގެ ހިތުގައި މިކަމާމެދު ނުތަނަވަސްކަން އުފެދިދާނެ ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެފަދަ ގޮތަކަށް، ކަމުގެ ޙަޤީޤަތް ސަރުކާރުން ރައްޔިތުންނަށް އޮޅުން ފިލުވާދޭންޖެހޭނެ ކަމަށް އެޗްއާރސީއެމްއިން ފާހަގަ ކުރިއެވެ.

އެޗްއާރްސީއެމްއިން މިއަދު ބުނެފައިވަނީ ދިވެހިރާއްޖެއަކީ އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލް(ޔޫއެންއެޗްއާރްސީ)ގެ މެމްބަރަކަށް ވެފައި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއިބެހޭ ގިނަ މުޢާޙަދާތަކެއްގައި ބައިވެރި ވެފައިވާ ޤައުމަކަށްވާއިރު، މިފަދަ ކަމެއް ކުރަންވާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ޑިމޮކްރެޓިކް އުސޫލްތަކާއި އިންސާނީ ޙައްޤުތަކުގެ މިންގަނޑަށްފެތޭ، ޒިންމާދާރު އަދި ދެފުށް ފެންނަ ގޮތަކަށްކަމުގައެވެ. އަދި މި މީހުންނަކީ ކުށެއްނެތް ބައެއް ކަމަށްވާނަމަ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ މިންގަޑުތަކަށްބަލާއިރުު މިކަމުގައި ދިވެހި ސަރުކާރުން ކަންކުރުން އެންމެރަގަޅު ގޮތަކީ، ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން މި މީހުން މިނިވަންކޮށް މިމީހުންގެ އަމިއްލަ ވަޒަނަށް އަނބުރާދެވޭނެފަދަ ގޮތެއް ހޯދައި ދިނުމަށް މަސައްކަތްކުރުންކަމަށްވެސް އެޗްއާރސީއެމްއިން ދެކެއެވެ.