އެޗްއާރްސީއެމް އިން ޔޫއެންޑީޕީ އާ އެކު ކެޕޭސިޓީ ޑިވެލަޕްމަންޓް ޕްރޮޖެކްޓެއްގައި ސޮއި ކޮށްފި
25-05-2010
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޔޫއެންޑީޕީ އާ އެކު "އެޗްއާރްސީއެމް ކެޕޭސިޓީ ޑިވެލަޕްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ކޮމިޝަންގެ ޤާބިލްކަން އިތުރުކުމާބެހޭ ޕްރޮޖެކްޓެއްގައި މިއަދު ސޮއިކޮށްފިއެވެ. މިޕްރޮޖެކްޓް އަމާޒުކުރެވިފައިވަނީ އެޗްއާރްސީއެމް އިން ހިންގާ އިންސާނީ ޙައްޤުތަކާބެހޭ މުހިއްމު ޕްރޮގްރާމްތައް ހިންގުމުގައި އެއްބާރުލުން ދިނުމުގެ އިތުރުން މުވައްޒަފުން ގެ ތަރައްޤީ އާއި މަދަނީޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމަށެވެ.
މާލޭ ޔޫއެން ބިލްޑިންގ ގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރެޒިޑަންޓް ރެޕްރިޒެންޓަޓިވް އެންޑްރޫ ކޮކްސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ޑިމޮކްރެސީގެ ޅަފަތުގެ މި ދުވަސްވަރުގައި އިންސާނީ ޙައްޤުތަކަށް އިޚްތިރާމް ކުރާ ޘަޤާފަތެއް ޤާއިމް ާކުރުމުގައި އެޗްއާރްސީއެމް ގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އެޗްއާރްސީއެމް ގެ ފަރާތުން ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވި ކޮމިޝަންގެ ރައީސް އަޙްމަދް ސަލީމް ގެ ވާހަކަފުޅުގައި މިވޭތުވެދިޔަ ދެތިން އަހަރުދުވަހުގެ މުއްދަތުގައި ދިވެހިރާއްޖޭގައި ޑިމޮކްރެސީ އަދި އިންސާނީ ޙައްޤުތަކުގެ ބިންގާ ވަރުގަދަކުރުމުގައި އެޗްއާރްސީއެމް އިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، މިކަމުގައި އދ އިން ވެސް ވަރަށް މުހިއްމު އެހީތަރިކަމެއް ދީފައިވާކަން ފާހަގަކުރެއްވިއެވެ.