މާފުށީޖަލު ބަލަހައްޓާ އޮފިސަރުންނަށް އިންސާނީ ޙައްޤުތަކަށް ހޭލުންތެރި ކުރުވުމުގެ ސެޝަނެއް ބާއްވައިފި
26-05-2010
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އިއްޔެ ވަނީ މާފުށީޖަލު ބަލަހައްޓާ ޕްރިޒަން އޮފިސަރުންނަށް އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވާފައެވެ.
މިއީ ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަންއިން ޕްރިޒަން އޮފިސަރުންނަށް ކުރިިއަށްގެންދާ 03 މަސް ދުވަހުގެ "އެންޓްރީ ލެވެލް ޓްރެއިނިންގ ޕްރޮގްރާމް" ގެ ބައެއްގެ ގޮތުން، އެޑިޕާރޓްމަންޓްގެ އެދުމަކަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އޭޕްރީލް މަހުން ފެށިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 37 އޮފިސަރަކު އިއްޔެ ބޭއްވުނު ސެޝަނަށް ހާޒިރުވެފައިވެއެވެ.
އޮފިސަރުންނަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވާ މައި ގަނޑު ފަސް ދާއިރާ އަކީ؛ އިންސާނީ ޙައްޤުތަކާބެހޭ ޢާއްމު މަޢުލޫމާތު، އެޗްއާރްސީއެމް އާބެހޭ މަޢުލޫމާތު، އިސްލާމްދީނާއި އިންސާނީ ޙައްޤުތައް، އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު، އިންސާނީ ޙައްޤުތަކާއި ޖަލު، އަދި އަނިޔާވެރި ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލުތަކާދެކޮޅު ބައިނަލްއަޤްވާމީ މުޢާޙަދާ އެވެ.
އެޗްއާރްސީއެމް އިން ވަނީ މީގެ ކުރިންވެސް މިފަދަ އެންޓްރީ ލެވެލް ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ޕްރިޒަން އޮފިސަރުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރި ކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައެވެ.