ދިވެހި ސިފައިން، ޢަބުދުﷲ ޔާމީން ހައްޔަރުކޮށްފާވަނީ ޤާނޫނުއަސާސީއާއި ޚިލާފަށް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލެއްވުމަށް ހިޔުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި
20-07-2010


މި ޖުލައި މަހުގެ 15 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބަންދުގެ ދަށަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންދަވައި، ބަންދުކުރެވުނުތާ މިއަދާހަމައަށް 5 ދުވަސްވީއިރުވެސް ޝަރީޢަތުގެ މަޖިލީހަކަށް ހާޒިރުކުރުމަކާ ނުލައި، އޭނާ ބަންދުގައި ބަހައްޓަވާފައިވާފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ، މީހަކު ހިފައި ހައްޔަރުކޮށް ނުވަތަ ބަންދުކުރުމުގެ އުޞޫލްތަކާއި ޚިލާފަށްކަމަށާއި، މި މާއްދާއާ ޚިލާފަށް ޙިމާޔަތްކުރުމަށްޓަކައި އެކަހެރިކުރުމުގެ ނަމުގައި ނަމަވެސް، މީހަކު ބަންދުކުރެވުމަކީ ޤާނޫނު އަސާސީއާ ޚިލާފަށް ކުރެވޭ ކަމަކަށްވާތީ، މިކަމުގައި ޤާނޫނުއަސާސީގެ ޙުދޫދުގެ ތެރެއިން އަމަލުކުރުމަށާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަގުތުން މިނިވަންކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ސަރުކާރަށް ގޮވާލައިފިއެވެ.

ބަންދުކުރެވޭ މީހާ، ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާންވާނެ ކަމަށް ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ނަމަވެސް، ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ފަރާތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިގޮތުގެ މަތިން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށްދެއްވާފައިނުވާކަމާއި، ޝަރީޢަތުގެ މަޖިލީހަށް އޭނާ ހާޒިރުކުރުމަށް ޖިނާއީ ކޯޓުން ނެރުނު ޢަމުރާ އެއްގޮތަށް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ޢަމަލުކޮށްފައިނުވާކަމާއި، ޝަރީޢަތުގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ޖިނާއީ ކޯޓަށް އެ ފަރާތުން ހާޒިރުވެފައި ނުވާކަން ވެސް ކޮމިޝަނުން ފާހަގަކުރެއެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ސިޔާސީ އަދި މަދަނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުއާޙަދާގެ 9 ވަނަ މާއްދާގެ 1 ގައި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތީން މެނުވީ އެއްވެސް މީހެއްގެ މިނިވަންކަން ނަގާލައިގެން ނުވާނޭ ކަމަށް ބަޔާންކޮށްފައިވާކަމާއި، މިމާއްދާގެ 4 ގައި، މިނިވަންކަން ނަގާލެވިފައިވާ ކޮންމެ މީހަކަށް އެ މީހެއްގެ ހައްޔަރު ނުވަތަ ބަންދާ މެދު ގޮތެއް ނިންމުމަށް ލަސްނުކޮށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށްވެސް ބަޔާންކޮށްފައިވާކަންވެސް ކޮމިޝަނުން ފާހަގަކުރެއެވެ.

ދީމިޤްރާޠީ ޙަޔާތުގެ ޅަފަތުގައިވާ ޤައުމަކަށް ދިވެހިރާއްޖެ ވާކަމުންނާއި، ދިގުމުއްދަތަކަށް ދެމިގެން ދިޔަ ވެރިކަމެއް ނިމުމަކަށް އައިސް ދީމިޤްރާޠީ އުޞޫލުތަކާ އެއްގޮތަށް އިންތިޚާބުކުރެވުނު ސަރުކާރެއް ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވުމުގެ މަރުޙަލާ ސުލްޙަވެރިކަމާއި ޢަމަންއަމާންކަންމަތީ ހިނގާފައިވާކަން ފާހަގަކޮށް، ދިވެހި ސަރުކާރާއި ރައްޔިތުންނަކީ ދީމިޤްރާޠީ އުޞޫލުތަކާ އެއްގޮތަށް ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ލާމަސީލު ބަޔަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ހިޔުމަން ރައިޓްސް ކޮމިޝަނުން ދެކެއެވެ. ހަމަ މިފަދައިން، ދީމިޤްރާޠީ ނިޒާމާ މެދު ދިވެހި ރައްޔިތުންގެ މެދުގައި އިތުބާރު އަށަގެންނެވުމަށާއި، ހަމަހަމަކަމާއި ތަފާތުނުކުރުމާއި، ޢަދުލުއިންޞާފާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ސަޤާފަތެއް ދިވެހި މުޖްތަމަޢުގައި އަށަގެންނެވުމަށް، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމާއި، އެންމެހައި ފަރާތްތަކުން، ވަކިން ޚާއްޞާކޮށް، ދައުލަތުގެ ފަރާތުން، ޤާނޫނާއި ޤަވާޢިދަށް ބޯލެނބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ހިޔުމަން ރައިޓްސް ކޮމިޝަނުން ފާހަގަކުރެއެވެ.