ތ. އަދި ލ. އަތޮޅުގެ ސްކޫލްތަކުގެ އިސްވެރިންނަށް އަމާޒުކޮށް އިންސާނީ ޙައްޤުތަކާބެހޭ މަސައްތަކުބައްދަލުވުންތަކެއް
21-07-2010
އިންސާނީ ޙައްޤުތަކާމެދު ހޭލުންތެރިކަން އިތުރުކުރުވާ، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އިޚްތިރާމްކުރާ ޘަޤާފަތެއް ޤާއިމްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ބައެއްގެ ގޮތުން ތ. އަތޮޅާއި ލ. އަތޮޅުގައި މަސައްކަތުބައްދަލުވުންތަކެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
ޚާއްޞަގޮތެއްގައި ތަޢުލީމީ ދާއިރާއަށް އަމާޒުކޮށް އެޗްއާރްސީއެމް އިން ފަށާފައިވާ ސިލްސިލާ މަސައްކަތުބައްދަލުވުންތަކުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ބައްދަލުވުން ތ. އަތޮޅުގައި ކުރިއަށް ގެންގޮސްފައިވަނީ ޖުލައިމަހުގެ 17ން 19އަށް އެއަތޮޅު ތިމަރަފުށީގައެވެ. ލ. އަތޮޅުގައި މިބައްދަލުވުން ކުރިއަށްދާނީ ޖުލައި 20ން 22އަށް އެއަތޮޅު ފޮނަދޫގައެވެ.
ބައްދަލުވުން ބާއްވަނީ ކޮންމެ އަތޮޅަކުން އެއް ރަށުގައި ނަމަވެސް އެއަތޮޅެއްގެ ހުރިހާ ސްކޫލަތަކަކުން މިބައްދަލުވުމުގައި ބައިވެރިވާނެއެވެ. މިގޮތުން ސްކޫލްތަކުގެ ވެރިންނާއި، ލީޑިންގ ޓީޗަރުން އަދި އިސްމަޤާމްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ލ. އަތޮޅުން 26 ބޭފުޅުން، އަދި ތ. އަތޮޅުން 32 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ އެޗްއާރްސީއެމްގެ އިންސާނީ ޙައްޤުތަކާބެހޭ ތަމްރީނުދެއްވާ މުވައްޒަފުންނެވެ.
ސްކޫލްތަކުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޘަޤާފަތެއް ޤާއިމްކުރުމުގެ ބޭނުމުގައި ހިންގާ މި ސިލްސިލާ ބައްދަލުވުންތައް މީގެ ކުރިންވަނީ ށ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން މާލޭގެ ސްކޫލްތަކުގެ އިސްބޭފުޅުންނަށް އަމާޒުކޮށް ބާއްވާފައެވެ. މި މަސައްކަތުބައްދަލުވުން ތަކުގައި ބައިވެރިންނަށް މަޢުލޫމާތުދޭ ދާއިރާތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކާބެހޭ ޢާއްމު މަޢުލޫމާތު، އެޗްއާރްސީއެމް އާ ބެހޭ މަޢުލޫމާތު، އިސްލާމްދީނާއި އިންސާނީ ޙައްޤުތައް، ދިވެހިރާއްޖޭގެ ޤާނޫން އަސާސީން ލިބިދޭ ޙައްޤުތައް، ތަޢުލީމާއި އިންސާނީ ޙައްޤުތައް، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތަކާބެހޭ މުޢާހަދާތައް، އަދި އިންސާނީ ޙައްޤުތަކުގެ ޢާއްމުޤަރާރު ހިމެނެއެވެ.