ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް އެއްމެން ގުޅިގެން މަސައްކަތް ކުރުމަށް އެޗްއާރްސީއެމްގެ ރައީސް ގޮވާލައްވައިފި
22-07-2010
ދިވެހިރާއްޖޭގައި މިހާރު އުފެދިގެން މިއުޅޭ ސިޔާސީ ހަލަބޮލި ކަމަކީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި، މުޅިރާއްޖެއަށް މި ހަމަނުޖެހުން ނުފެތުރެނީސް މިކަމާ އެއްމެން ގުޅިގެން މަސައްކަތްކޮށްގެން ހައްލެއް ހޯދަންޖެހޭ ކަމަށް އެޗްއާރްސީއެމްގެ ރައީސް އަޙްމަދް ސަލީމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ ދިޓީވީ އިން ގެނެސްދޭ "ޚަބަރުތެރެއިން" ޕްރޮގްރާމްގައި "ސިޔާސީ މައްސަލަތައް ހައްލުކުރުމުގައި މިނިވަން މުއައްސަސާތަކުގެ ދައުރު" މި މައުލޫގެ މައްޗަށް ކުރެވުނު މަޝްވަރާއެއްގެ ތެރެއިންނެވެ. މި މަހުގެ 19 ވީ ހޯމަ ދުވަހުގެރޭ ވަގުތުން ދުރަށްފޮނުވި މިޕްރޮގްރާމްގައި އެޗްއާރްސީއެމް ގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަން އިންވެސް ބައިވެރިވިއެވެ.
ސަލީމް ގެ ވާހަކަފުޅުގައި ހުރިހާބޭފުޅުންވެސް ގުޅިގެން ޕާޓީތަކުގެ މެދުގައި އޮތް ރުޅިވެރިކަމާ ހަސަދަވެރިކަމާ ކުޑަކުރުމަށް މަސައްކަތްކުރުމަށާއި ވާހަކަދައްކައިގެން މައްސަލަތައް ހައްލު ކުރުމަށް ބާރު އެޅުއްވިއެވެ. ރައްޔިތުން ހޮވާފައިވާ ސަރުކާރަށް ފަސް އަހަރު ވެރިކަން ކުރުމުގެ ފުރުޞަޠު ދޭންޖެހޭނެކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގެ ފުރުޞަޠު ލިބެންޖެހޭނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ހަމަ އެފަދައިން ސަރުކާރުންވެސް އޮޕޮޒިޝަނަށް އިޚްތިރާމް ކުރަންޖެހޭނެ ކަމަށާއި، އެބޭފުޅުންގެ އެއްބާރުލުމާއެކީ މަސައްކަތް ކުރުން މުހިއްމުކަންވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ވާހަކަދައްކައިގެން،އެއްބަޔަކު އަނެއްބަޔަކަށް އިޚްތިރާމްކޮށް، ގުޅިގެން ރައްޔިތުންގެ ފައިދާއަށްޓަކައި މަސައްކަތްކުރުމަކީ އެބޭފުޅުންގެވާޖިބެއްކަމަށާއި، އިންސާނީ ޙައްޤުތަކުގައިވެސް އެއްމެ މުހިއްމު ކަމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޚްތިރާމް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިމޮކްރެސީ ފުރިހަމަވުމަށް ވަގުތު ބޭނުންވާކަމާއި، ކެތްތެރިކަންވެސް ބޭނުންވާކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމަށް އެއްމެ މުހިއްމު ދާއިރާ ކަމަށްވާ ޝަރުޢީދާއިރާގައި މައްސަލަތަކެއް ހުރިކަމަށާއި، ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ޤާނޫންތައް ނުހެދި ހުރުން އެއީވެސް ވަރަށް ބޮޑު މައްސަލައެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ހަމަ އެފަދައިން ކޮރަޕްޝަންގެ މައްސަލައާއި ޑްރަގް ގެ މައްސަލައަކީ ވެސް ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށްވާއިރު މިކަންކަން ހައްލުކުރުމަށް އިޚްތިރާމާއި ކެތްތެރިކަމާއެކު، ރަނގަޅުގޮތުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި މިހަލަބޮލިކަން ހައްލު ކުރުމަށްޓަކައި ބޭނުންވާ ކޮންމެ އެހީތެރިކަމެއްވެސް ފޯރުކޮށްދިނުމަށް އެޗްއާރްސީއެމް އިން ތައްޔާރަށް އޮތްކަމަށް އެމަނިކުފާނުވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމަށް އެޗްއާރްސީއެމް އިންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށާއި، މިފަދަ ކަންކަން ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނެސް ވާހަކަދައްކާ، ނޫސްބަޔާންތައްވެސް ނެރެފައިވާނެކަމަށް ސަލީމް ވިދާޅުވިއެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުން ކުރާ މަސައްކަތްތައް ކާމިޔާބު ކުރެވޭނީ އެ މުއައްސަސާތަކުގެ މަސައްކަތަށް ސަރުކާރުންވެސް، ރައްޔިތުންވެސް އިޚްތިރާމް ކޮށްގެންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ދައުލަތުގެ ތިން ބާރާއި ސިޔާސީ ޕާޓީތަކުގެ އިސްެވެރިންނާއެކު، އިންސާނީ ޙައްޤުތައް ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާބެހޭގޮތުން ކުރެވުނު މަޝްވަރާތަކަށްވެސް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ. މިމަޝްވަރާތަކުގައި ފާހަގަ ކުރެވިފައިވާ މައްސަލަތަކާމެދު އެފަރާތްތަކުގެ ޚިޔާލު ފާޅުކުރުމާއި، އިންސާނީ ޙައްޤުތަކުގެ ތެރެއިން މިވަގުތަށް އެއްމެ އިސްކަން ދޭންޖެހިފައިވާ ދާއިރާތަކުގެ މައްޗަށް އެކުލަވާލާފައިވާ ގުޅިފައިވާ ޤަރާރެއް ބަލައިގަތުމަށް ރާވާފައިވާ ބައްދަލުވުން މިހާރު ކުރިމަތިވެފައިމިވާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ވަނީ ފަސްކުރެވިފައެވެ.