އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އެޗްއާރްސީއެމް އާ ބައްދަލު ކުރައްވައިފި
24-07-2010
އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިޔާ އަށް ކަންޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް، ރޮބަރޓް އޯ. ބްލޭކް ޖޫންޔަރ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާ ބައްދަލު ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ކޮމިޝަންގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިވަގުތުގެ ސިޔާސީ ހާލަތާއި، ސިޔާސީ ގޮތުން މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުނުކުރެވި ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެޗްއާރްސީއެމް އިން ކޮށްފައިވާ މަސައްކަތްތަކާމެދު މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ފަދަ، ދިވެހިރާއްޖޭގެ އިންސާނީޙައްޤުތަކުގެ އަދުގެ ހާލަތާ ގުޅުންހުރި އެކި އެކި ކަންކަމާމެދު ވާހަކަދެކެވި، މަޝްވަރާކުރެވުނެވެ.
މިބައްދަލުވުމުގައި އެޗްއާރްސީއެމް ގެ ރައީސް އަޙްމަދް ސަލީމް ވަނީ ދިވެހިރާއްޖޭގައި މިވަގުތު އޮތް ސިޔާސީ މާހައުލާބެހޭ ގޮތުން އަދި ސިޔާސީ ގޮތުން ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ވާހަކަ ދައްކައިގެން ހައްލު ކުރުމާބެހޭގޮތުން އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އަށް މަޢުލޫމާތު އަރުއްވާފައެވެ.